ދިވެހިރާއްޖޭގައި އަންހެން ވިޔަފާރިވެރިންނާއި އިގުތިސާދީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 2023 އިން 2026 އަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ހަމަޖައްސައިދީފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އެކްސް މެދުވެރިކޮށް ހިއްސާކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި އެހީއަކީ އާންމު ބޭންކުތަކުން ލޯނު ހޯދުމަށް ދަތިވާ ފަރާތްތަކަށާއި، ކުދި ވިޔަފާރިތަކަށާއި އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން، "ފަށާ މަދަދު" ސްކީމް މެދުވެރިކޮށް މިހާތަނަށް 110 އަށް ވުރެ ގިނަ ފަރާތަކަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގުރާމަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު 6 އިންސައްތައިގެ ކުޑަ ރޭޓެއްގައި 500،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ސްކީމެކެވެ.

މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ހާއްސަކޮށްގެން ހިންގާ "ވިމެން އެންޓްރަޕްރިނިއާ ފައިނޭންސިން" ޕްރޮގުރާމުގެ ދަށުން 80 އަށް ވުރެ ގިނަ ފަރާތަކަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. މިއީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް، އެއްވެސް ރަހުނަކާ ނުލައި 250،000 ރުފިޔާއާ ހަމައަށް އަންހެނުން ހިންގާ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީއެކެވެ.

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، "މޯލްޑިވްސް އިސްލާމިކް އެސްއެމްއީ ފައިނޭންސިން އިނީޝިއޭޓިވް" (މިސްފީ) މެދުވެރިކޮށް ވެސް ރަހުނަކާ ނުލައި އެހީ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކީމުގެ ދަށުން އަހަރަކު 2.5 އިންސައްތައިގެ ރޭޓުގައި 100،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބެއެވެ. އަދި ވިޔަފާރި ފަށައިގަތުމަށް ލުއި ދިނުމުގެ ގޮތުން، ފުރަތަމަ 12 މަސްދުވަހު ފައިސާ ދައްކަން ނުޖެހޭ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދެއެވެ.

މި ހުރިހާ މާލީ އެހީތެރިކަމަކަށް އެދުމުގެ ކަންކަން "އެސްއެމްއީ ޑިޖިޓަލް" ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށްދާއިރު، މީގެ ސަބަބުން އާންމު ބޭންކިން ނިޒާމުގެ ތެރެއިން އެހީ ހޯދަން ދަތިވާ އަންހެނުންނަށާއި، މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރަހުނަކާ ނުލައި ފަސޭހަކަމާއެކު ފައިސާ ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ ލުއި ފުރުސަތުތައް ފަހިކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް އޮތް މާލީ ހުރަސްތައް ނައްތާލައި، ގިނަ ރައްޔިތުންތަކެއް އިގުތިސާދީ ގޮތުން ބާރުވެރިކުރުވައި، ގައުމުގެ އިގުތިސާދީ ކުރިއެރުމުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *