ޔޫއޭއީގެ އިއްތިހާދު އެއާވޭސް އާއި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެން ފެށި އައު ޕާޓްނާޝިޕެއްގެ ދަށުން، "އިއްތިހާދު ގެސްޓް" މައިލްސް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަތުރުވެރިންނަށް ހުޅުވާލައިފިއެވެ.
ހުކުރު ދުވަހު އިއުލާނުކުރި މި ލޯޔަލްޓީ ޕްރޮގްރާމްގެ އެއްބަސްވުމުގެ ދަށުން، އިއްތިހާދުން ދަތުރުކޮށްގެން މައިލްސް އެއްކޮށްފައިވާ ފަސިންޖަރުންނަށް އެ މައިލްސްތައް ރިޑީމްކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށާއި ބައިނަލްއަގުވާމީ ފްލައިޓުތަކަށް ޓިކެޓް ނެގޭނެއެވެ. މިއީ މިއަހަރުގެ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ދެ އެއާލައިނުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ގައުމީ އެއާލައިންގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި އިންތިޒާމާއެކު ރާއްޖެ އަންނަ ބޭރުގެ ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން އެކި އަތޮޅުތަކުގެ ރިސޯޓުތަކަށާއި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ރޭވުމުގައި އިންތިހާއަށް ފަސޭހަވެގެންދާނެއެވެ.
މި ޕާޓްނާޝިޕާ ގުޅޭގޮތުން އިއްތިހާދު ގެސްޓްގެ މެނޭޖިން ޑިރެކްޓަރު މާކް ޕޮޓާ ވިދާޅުވީ، ދަތުރުވެރިން އެއްކޮށްފައިވާ ޕޮއިންޓް ނުވަތަ މައިލްސް ބޭނުންކޮށްގެން އެމީހުން ދާން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލުވުމަށް މީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ އިއްތިހާދު ފަދަ ދުނިޔޭގެ މަގުބޫލު ބޮޑު އެއާލައިނެއްގެ ވިއުގައާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ގުޅިގެން ދިއުމަކީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޭރުގެ ދަތުރުވެރިން އައުމަށް މަގުފަހިވާނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ދެ އެއާލައިނުން 2024 ވަނަ އަހަރު ސޮއިކުރި އިންޓަލައިން އެއްބަސްވުމުގެ ދަށުން، އެއް ޓިކެޓަކުން މާލެ ފިޔަވައި ރާއްޖޭގެ 17 ޑޮމެސްޓިކް އެއާޕޯޓަކަށް މިހާރުވެސް ދަތުރުކުރެވެއެވެ. އަލަށް ތައާރަފްކުރި މައިލްސް ރިޑީމް ކުރުމުގެ ފުރުސަތަކީ އެ ގުޅުން އިތުރަށް ހަރުދަނާކޮށްދިން ކަމެކެވެ.
މި ބަދަލުގެ ސަބަބުން ދަތުރުވެރިންނަށް ފަސޭހަވުމުގެ އިތުރުން، އަތޮޅުތަކުގެ ޓޫރިޒަމް ވިޔަފާރިތަކަށް އައު ދިރުމެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތައް ބަލައިލުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އެތެރޭގެ އުދުހުމުގެ ނެޓްވޯކް އޮތް މޯލްޑިވިއަން އިން ދުނިޔޭގެ އެކި މާކެޓްތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ އިތުރު ބާރެކެވެ.

