ރާއްޖޭގައި ހިންގާ ހަމައެކަނި ޢަރަބި އިސްލާމީ ސްކޫލް ޢަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގެ އައު ޢިމާރާތް އަޅާނެ ބިމެއް ސަރުކާރުން ކަނޑައަޅައިފިއެވެ.
ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވަނީ ކުރިން މާލޭ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. މި ސަރުކާރުގެ ‘ހަފުތާ 14’ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޢަރަބިއްޔާ ސްކޫލް ހިންގުމަށް ބޭނުންވާނެ ޒަމާނީ ފެންވަރުގެ ޢިމާރާތެއް އަޅައި ދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ‘ދިވެހީންގެރާއްޖެ’ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.
އަދި އެމަނިކުފާނުގެ ވެރިކަން ފެށުމާއި އެކު ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެއްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.
ޢަރަބިއްޔާ ސްކޫލް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލް އެކަށީގެންވާ ޢިމާރާތެއް ނެތުމުގެ ސަބަބުން އެސްކޫލްގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ޖިސްމާނީ ތަރުބިއްޔަތަށް ހިންގަން ޖެހޭ ހަރަކާތްތައް ނުހިންގި އެތައް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ޗާންދަނީ މަގުގައި އަޅައި އެތަން ބޭނުންކުރަން ފެށިތާ 7 އަހަރު ނުވަނިސް އެޢިމާރާތުގައި ރެނދުލައި ޢިމާރާތް ބޭނުންނުކުރެވޭ ޙާލަތައް ދިޔުމުން ޢަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަގުތީ ގޮތުން ބަދަލު ކުރީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތަށެވެ.
އެޢިމާރާތުގައި އެތައް ދަތިތަކެއް ތަހައްމަލް ކުރުމަށްފަހު މިހާރު ޢަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުން ކުރަމުންދަނީ ކުރިން ދަރުމަވަންތަ ސްކޫލް ދަރިވަރުން ބޭނުންކުރި ވަގުތީ ޢިމާރާތެވެ.

