މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ޙައްޖަށް ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އަދި މިއީ އެ މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި ޢަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.ރައީސްގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ޙައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން, ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އަމަލުކުރައްވާނީ، ޤައުމުގެ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ވިދާޅުވިއެވެ.

އަދި މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *