ދަރިމައިނުވުމުގެ ފަރުވާ އާސަންދައިގެ ދަށުން ލިބޭނޭ ގޮތައް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރައްވައި ފައިވަނީ މިއަދު ހަވީރު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމެވައިފައިވާ ކަމަށެވެ.

އަދި ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމްގެ ޤަވާއިދު އިޞްލާހުކޮށް ގެޒެޓްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެކަމަށް އުޞޫލެއް އެކުލަވާލައި އެކަންވެސް އިޢްލާން ކުރައްވާނެ ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުންވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި، ރާއްޖެއިން ބޭރުގައި ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ޚިދުމަތް ލިބޭނެ ހޮސްޕިޓަލްތައް ކަޑައެޅިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ހަމަމިއާއި އެކު، ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ އަށް ޚާއްޞަކޮށް މިހާރު އައި.ޖީ.އެމް. ހޮސްޕިޓަލުގައި ހުރި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ޤާއިމު ކުރެވިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ ފަންޑެއް ސަރުކާރުގެ ބަޖެޓުން ޤާއިމު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

 

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *