ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ޤައުމީ ކަމަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމިއްޔާތުގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ޙަޤީޤަތުގައި ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއްކަމަށެވެ. އަދި ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން މިކަން ފެންނަ ވަރަށް ރީތި މިސާލުތައް މިކަމުގައި އެބަހުރި ކަމުގައިވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ތާރީޚަށް ބަލާއިރުގައި، އިބްނު ބަޠޫޠާފަދަ ބޭރުގެ މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނަނީ ދިވެހީންގެ މާތް ސިފަތައް ކަމަށާއި، ހަރުދަނާ އަޚްލާޤް، ދީނަށް ކަމޭހިތުން، ވެރިކަމުގެ ނިޒާމަށް ބެލިކަމުގައިވިޔަސް، އިބްނު ބަޠޫޠާ ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ރަސްކަމުގެ ފަރާތުން ފަނޑިޔާރުގެ ވަނީ މިނިވަންވެގެން ކަމަށާއި އެކަމަށް އޭނާ ތަޢުރީފް ކުރައްވާފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“ޝައްކެއްނެތް، ދިވެހިރާއްޖެ ކުރިއަރައިދާނީ މިފަދަ ނަމޫނާ ސިފަތަކުން. ބޭރު މީހުންގެ އިތުބާރު ދިވެހީންނާމެދު އުފެދޭނީ ރީތި އަޚްލާޤުން. ތަހުޒީބު ދިރިއުޅުމަކުން. ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އެނޫންވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބޭނީ މިކަންކަން އާލާކުރެވިގެން. ބޭރު ދުނިޔޭގެ އިތުބާރު ހަރުދަނާކުރެވިގެން” ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ޤައުމީ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށާއި، އަދި އެއީ، ދިވެހި ޤައުމަށްޓަކައި ކުރާ ކަމަކަށްވާންޖެހޭ ކަމަށްެ ވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ. މި އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާއި، އިޤްތިޞާދީ ކުށްތައް ތަޙުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަޞީލަތް ބިނާކުރުމެވެ.
މިއަދުގެ ޖަލްސާގައި، ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ޤައުމީ ފެންވަރުގެ ދިރާސާ "ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023″ ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

