މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއާ ސައުދީއާ ދެމެދު ސޮއިކުރި ވިޔަފާރީގެ އެމްއޯޔޫއަށް ސައުދީ ވަޒީރުންގެ ކައުންސިލުން ރުހުން ދީފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެ އެމްއޯޔޫއަށް ރުހުން ދިންކަން މިއަދު އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަަދު މުއިއްޒުއާއި ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އިގުތިސާދީ ތަސައްވަރުގެ އަމާޒަށް ވާސިލުވުމަށް އެކުލަވާލައިފައިވާ އެމްއޯޔޫއެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ސައުދީއާއެކު ރާއްޖެއިން ސޮއިިކުރި އެމްއޯޔޫގައި ދެ ގައުމަށް މުހިންމު ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުން ހިމެނެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމްއާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި އަދި ކްރޮސް ބޯޑާ އިންވެސްޓްމަންޓްތައް ހިމެނެ އެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުވެސް ވަނީ ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެގޮތުން ސައުދީ ފަންޑު މެދުވެރިކޮށް ރާއްޖޭގައި ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ދަތުރުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *