ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯއިން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށްގެންގޮސްފައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލުމަށްފަހު މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާރޓް މީޓަރ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްކަމަށެވެ. މިމަހުގެ ތެރޭގައި ސްމާރޓް މީޓަރ ޝިޕްމަންޓް ލިބޭނެކަމަށާއި، ރަމަޟާންމަހުގެ ފަހުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެކަމަށް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ކޮންމެ 15 މީޓަރުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެކަމަށެވެ. ނާޝިދު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލުންކަމަށެވެ.

