ކެނެޑާއާއި ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިން އެމެރިކާ ރައްޔިތުންނަށް ގެއްލުންވާނެކަމަށް ކެނާޑާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެމެރިކާއިން ކެނެޑާގެ އިމްޕޯޓުތަކުން ނަގާ ބޮޑު ޓެރިފްތަކާ ދެކޮޅަށް އެގައުމުން ކުރެވެންހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ކެނެޑާގެ ރައްޔިތުންނަކީ މަޑުމައިތިރި ބައެއް ނަމަވެސް ވަކިން ހާއްސަކޮށް ގައުމުގެ ދުޅަހެޔޮކަން ނުރައްކަލަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި ކުރިމަތިލުމަކުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަންގާރަ ދުވަހު ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، 25 އިންސައްތައިގެ ޓެރިފް ނެގުމަކީ ވަރަށް މޮޔަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގާތް އެކުވެރިއެއް އަދި ބައިވެރިއެއް ކަމަށްވާ ކެނެޑާއިން 25 އިންސައްތަ ޓެރިފް ނަގަން ނިންމެވުމަށްފަހު ރަޝިޔާ އާ އެކު ޓްރަމްޕް މަސައްކަތް ކުރުމުގެ ލޮޖިކްއާއި މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އެންމެ ގާތް ބައިވެރިޔާ އަދި އެކުވެރިޔާ، މިއަދު ވަނީ ކެނެޑާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފަށާފައި" ޓްރޫޑޯ ވިދާޅުވި އެވެ.
އެމެރިކާގެ އެ އަމަލާ ގުޅިގެން ކެނެޑާއިންވަނީ އެމެރިކާގެ 155 ބިލިއަން ޑޮލަރުގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގަން ނިންމާފައެވެ. އެގޮތުން 30 ބިލިއަން ޑޮލަރުގެ މުދަލުން ވަގުތުން ޓެރިފް ނަގަން ނިންމާފައިވާއިރު ބާކީ 125 ބިލިއަން ޑޮލަރުގެ މުދަލުން 21 ދުވަހުގެ ތެރޭގައި ޓެރިފް ނަގަން ފަށާނެ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.
ޓްރޫޑޯ ވަނީ ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާ ހިލާފުވެފައިވެފައިވާ މައްސަލަ ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާއަށް ހުށަހަޅާނެކަންވެސް އިއުލާނު ކުރައްވާފަ އެވެ.
ޓްރޫޑޯ އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވިދާޅުވީ ކެނެޑާގެ މެޓީރިއަލް އަށް ބަރޯސާވާ ސެކްޓަރ ތަކުގެ އިންފްލޭޝަން އުފުލި އެ ސެކްޓަރ ތަކުގައި ވަޒީފާ އަދާކުރާ އެމެރިކާގެ ރައްޔިތުންގެ ވަޒީފާތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އަލުން ވިސްނުމަށް ގޮވާލައްވާފައެވެ. އަދި ދެ ގައުމު ގުޅިގެން "އުތުރު އެމެރިކާގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް" މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކެނެޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ވަނީ ފިޔަވަޅުތައް ވެސް އިއުލާނުކޮށްފަ އެވެ. ޓްރޫޑޯ ވަނީ އިގްތިސާދު ހިމާޔަތް ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކެނެޑާގެ ރައްޔިތުންނަށް ދެއްވާފަ އެވެ.
ޓްރޫޑޯ އިތުރަށް ވިދާޅުވީ ޓްރަމްޕް ބޭނުންފުޅުވަނީ ކެނެޑާގެ އިގްތިސާދު މުޅިން ފުނޑުފުނޑުވެގެން ދާތަން ދެކެން ކަމަށާއި އެއީ ދުވަހަކުވެސް ނުވާނެ ކަމެއް ނޫން ކަމަށާއި ކެނެޑާ ދުވަހަކުވެސް އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ނުވާނެ ކަމަށެވެ.

