މީގެ ފަހުން ކަރަންޓު މީޓަރުގެ ރީޑިން ނަގާތާ 1 ދުވަހުގެ ތެރޭގައި ބިލު ފޮނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، (ސްޓެލްކޯއިން) ބުނެފި އެވެ.
އެގޮތުން ސްޓެލްކޯއިން ވަނީ ވަނީ ބިލު ފޮނުވާ އުޞޫލަށް ބަދަލުތަކެއް ގެނެސްފަ އެެވެ. މީގެ ކުރިން ސްޓެލްކޯއިން ބިލު ފޮނުވަމުންދަނީ މީޓަރުގެ ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސް ފަހުންނެވެ.
މި ބަދަލު ގެނައުމަށްޓަކައި ސްޓެލްކޯއިން ވަނީ މިދިޔަ މަހު ދެ ބިލެއް ފޮނުވާފައެވެ. އެއީ މިދިޔަ މަހާއި އޭގެ ކުރީ މަހުގެ ބިލެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ދެން ސްޓެލްކޯއިން ފޮނުވަމުންދާނީ އެ މަހެއްގެ ބިލު އެކަންޏެވެ.
ދައުލުތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ބިލު ފޮނުވާ އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އެ ގޮތުން މިހާރު ރީޑިން ނަގާތާ 1 ދުވަސް ފަހުން ބިލު ފޮނުވަމުންދާނެކަމަށް ފަހުމީ ވިދާޅުވިއެވެ.
އޭޕްރީލް މަހު އާ އުޞޫލަށް ކަރަންޓު ބިލު ފޮނުވާއިރު، އެންމެ ފުރަތަމަ ލިބޭނީ މި ހިނގާ މާޗްމަހުގެ ބިލެވެ. އެހެންކަމުން މި ބިލުގައި ސަރުކާރުން ދެއްވާ ރޯދަ މަހުގެ ޑިސްކައުންޓް ހިމެނޭނެ އެވެ.

