ޔޫރޯ މާކެޓިންގެ ބޮންޑު ގަތްފަރާތަތަކަށް ދެވަނަ ޕޭމަންޓު ދޫކޮށްފި އެވެ.
ހުޅުމާލޭގައި ކޯލްޑް ސްޓޯރޭޖެއް ހެދުމަށް އެ ކުންފުނިން 2022 ވަނަ އަހަރުގެ ޑިސެމްބަރ 29 ގައި ހުޅުވާލި ވިއްކުމަށް ހުޅުވާލި ބޮންޑުން އެ ކުންފުންޏަށް 25 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
4 އަހަރުން އަނބުރާ ދައްކާގޮތަށް އެކުންފުނިން ވިއްކާފައިވާ ބޮންޑުގެ އިންޓަރެއސްޓް ރޭޓަކީ 7.5 ޕަސެންޓެވެ. ބޮންޑު ގަތް ފަރާތްތަކަށް 2 ވަނަ ޕޭމަންޓްގެ ގޮތުގައި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮންޑުގެ އިންވެސްޓަރުންނަށް ވަނީ ދޫކޮށްފއެވެ.
ޔޫރޯ މާކެޓިންގ އަކީ ރާއްޖޭގައި ޕްރައިވެޓް ކުންފުންޏަކުން އެއްމެ ފުރަތަމަ ބޮންޑް ވިއްކަން ހުޅުވާލި ކުންފުންޏެވެ. އެ ކުންފުންނިން ބޮންޑު ވިއްކަން ހުޅުވާލިތާ 2 މަސް ދުވަހުގެ ތެރޭގައި ވަނީ އޯވަސަބްސްކްރައިބުވެފަ އެވެ.
ބޮންޑަކީ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ގެންގުޅޭ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގައި އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ. ބޭންކް ލޯނުތަކާ ހިލާފަށް، ބޮންޑަށް އެއް އިންވެސްޓަރަށް ވުރެ ގިނަ އިންވެސްޓަރުންގެ އަތުން ވެސް ފައިސާ ހޯދޭނެ އެވެ.
ޔޫރޯ މާކެޓިން އިން މިދިޔަ އަހަރުގެ މާޗް މަހު ވެސް ވަނީ އިންވެސްޓަރުންނަށް ޕީރިއޯޑިކް ޕޭމެންޓްގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

