ތައިލެންޑުގެ ވެރިރަށް ބެންގކޮކުން ރާއްޖެއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ދެ ކޮންޓެއިނާއަކުން މަސްތުވާތަކެތި ފެނިގެން ބެންގކޮކް ކަސްޓަމްސް އިން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
ތައިލެންޑުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިހާރު ރާއްޖެއަށް ބޭރުކުރާ ހުރިހާ ކޮންޓޭނަރެއް ފުލްކޮށް ސްކޭންކޮށް ވަރުގަދައަށް ޗެކް ކުރެއެވެ.
"އިސްތިސްނާއެއް ނެތި ހުރިހާ ކޮންޓޭނަރެއް ޗެކް ކުރަމުން ގެންދޭ އެބަ،" އޭނާ ބުންޏެވެ.
މިކަމުގެ ސަބަބުން ކާގޯ އެޖެންޓުންނަށާއި ކަސްޓަމަރުންނަށް ވެސް ތަފާތު ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެއެވެ. އެއީ މުދަލުގެ ޑޮކިއުމެންޓްތައް ކުރިއަށްވުރެ ފުރިހަމަ ކުރުމަށް މަޖުބޫރުވެފައިވާތީ އާއި ގިނަ ވަގުތު ޕޯޓުގައި ކޮންޓޭނަރު ބަހައްޓަން ޖެހުން ފަދަ ކަންތައްތަކުގެ ސަބަބުންނެވެ.
މަސްތުވާތަކެތި ފެނުނީ ކޮން އެޖެންޓެއްގެ ކޮންޓޭނަރުތަކަކުން ކަމެއް ނޭނގުނު ނަމަވެސް، ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށްވެއެވެ.
މީގެ ކުރިން ވެސް ތައިލެންޑުން ރާއްޖެ އައި ކޮންޓޭނަރަކުން މަސްތުވާތަކެތި ފެނިގެން ތަހުގީގު ހިންގާފައިވެއެވެ.

