މިދިޔަ ފެބްރުއަރީ މަހު މަސް ބޭރުކޮށްގެން 150 މިލިޔަން ރުފިޔާ ދައުލަތަށް ލިބުނުކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަމަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފިނިކުރި މަސް ބޭރުކޮށްގެންނެވެ. އެއީ 114 މިލިޔަން ރުފިޔާއެވެ. އަދި މަސްދަޅު ބޭރުކޮށްގެން 36 މިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަމަހު ދައުލަތަށް ވަނީ ލިބިފައެވެ.
މިދިޔަ މަހު ފިނިކުރިމަސް އެންމެ ގިނައިން ބޭރުކުރީ ތައިލެންޑަށެވެ. އެއީ 134 މިލިޔަން ރުފިޔާގެ މަހެވެ. މިދިޔަމަހު ރާއްޖޭގެ އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ އިނގިރޭސި ވިލާތަށެވެ. އެއީ 33 މިލިޔަން ރުފިޔާގެ ސާމާނެވެ. ރާއްޖެއިން އިނގިރޭސި ވިލާތަށް އެންމެ ގިނައިން ބޭރުކުރަނީ ބޮޑުކަންނެލީގެ ބާވަތްތަކާއި ދަޅުމަހެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވިއެޓްނާމަށް 8 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ވިއެޓްނާމަށް ރާއްޖެއިން އެންމެގިނައިން ބޭރުކުރަނީ ފާނައިގެ ބާވަތްތެކެވެ. މީގެއިތުރުން މިދިޔަ މަހު ރާއްޖެއިން އިންޑިއާއަށް 10 މިލިޔަން ރުފިޔާގެ މުދާ ބޭރުކުރިއިރު ބަންގްލަދޭޝްއަށް ވަނީ 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.

ދިވެހިރާއްޖެއިން އެންމެގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

