ރަމްޟާންމަހު އެންމެ ބޮޑަށް އަގުއުފުލޭ ބާވަތްތަކުގެތެރޭގައި ރޯމަހުގެ ބާވަތްތައް ހިމެނެވެ. މާލެ ސަރަައްދުގައި މި ރޯދަމަހު މަހުގެ އަގުތައް އާންމުކޮށް ހުރީ ރޯދަމަހުގެ ކުރިއާ ދާދި އެއްގޮތަކަށެވެ. ނަމަވެސް ހުޅުމާލޭ މަސްމާރުކޭޓްގައި މިހާރު ވަނީ މަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މީގެކުރިން 40ރ އަށް ވިއްކި މަސް ކިލޯއެއް މިއަދު 23 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ބޮޑުކަންނެލި ކިލޯއެއްވެސް 30 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ހުޅުމާލޭ މަސްމާރުކޭޓުން ލިބެންހުރި ފަރުމަހުގެ ބާވަތްތަކުގެ އަގު ހުރީ 50 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގައެވެ. މިއީވެސް ކުރިއާ ބަލާއިރު ހެޔޮ އަގެކެވެ.

ބޯވަ ދިލަމަސް ކިލޯއެއް 120ރ އަށް ހުރި އިރު 5 ކިލޯގެ ކަންނެލި ބަނޑު ފުޅިއެއް 100ރ އަށް ލިބެން އެބަހުއްޓެވެ. އާދައިގެ ކަނޑުމަސް 25ރ ލިބެން ހުރިއިރު ގޮދާ ކިލޯއެއް 30ރ ލިބެން އެބަހުއްޓެވެ.

ހުޅުމާލޭ މާރުކޭޓްގައި މަސްވިއްކާ ފަރާތްތަކުން ބުނީ މަހުގެ އަގު މިހާރު ހުރީ އަތްފޯރާ ފަށުގައި ކަމަށާއި އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. މިދުވަސްވަރު މަސް މާރުކޭޓުން އެންމެ ގިނައިން ލިބެންހުރީ ކަންނެއްޔެވެ.

