އެސްޑީއެފްސީ އިން "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން، ލޯން ޕްރޮޕޯސަލް ހަދައިދިނުމުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ގިނަ އިސްތިހާރުތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ.

އިސްތިހާރުތަކަށް ބަލާއިރު، ވަކިވަކި ފަރުދުންނާއި ކުންފުނިތަކުންވެސް ލޯނު ޕްރޮޕޯސަލް ހަދައިދިނުމުގެ ޚިދުމަތް ދިނުމަށް އިސްތިހާރުކޮށްފައި އެބަހުއްޓެވެ.

ފޭސްބުކާއި އެކްސް އަދި ޓިކްޓޮކްގެ އިތުރުން އިންސްޓަ ގްރާމުގެ އިސްތިހާރުތަކުން ފާހަގަވާ ގޮތުގައި ލޯނު ޕްރޮޕޯސަލްގެ އަގުތައް ހުރީ 5000-25000 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.

ގިނަ އިސްތިހާރުތަކުގައި ބުނެފައިވާ ގޮތުގައި ލޯން ޕްރޮޕޯސަލް ހެދުމަށް އެއްވެސް އެޑްވާންސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ ޕްރޮޕޯސަލެއްވެސް ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި ނިންމައިދިނުމަށް އިސްތިހާރުތަކުގައި ހިމަނާފައިވެއެވެ.

އެސްޑީއެފްސީން ބުނީ "ވިޔަފާރި އެހީ" ލޯނަކީ ފާއިތުވި އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރި ކުރަމުން އަންނަ ފަރާތައް ލޯނަށް ޝަރުތުހަމަވާގޮތަށް ހުޅުވާލާފައިވާ ލޯނު ސްކީމެއް ކަމަށާއި، އެގޮތުން މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް ލޯނު ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން އެސްޑީއެފްސީ އިން ބުނީ މި ލޯނު ސްކީމުގެ ދަށުން އެންމެ ގިނަވެގެން ދޫކުރެވޭނެ އަދަދަކީ 1.5 މިލިއަން ރުފިޔާ ކަމަށާއި، އެގޮތުން 700،000 ރުފިޔާއަށްވުރެ މަތީގެ އަދަދެއް ނެގުމަށް ހުށަހަޅާނަމަ ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ %9.5 ކަމަށާއި އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސްދުވަސް ދޭއިރު ލޯނު ދައްކެމުށް ކަނޑައަޅާފައިވާ މުއްދަތަކީ 5 އަހަރު ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ވެބްސައިޓަށް ވަދެ ލޯނަށް އެޕްލައިކުރުމުގެ އިންތިޒާމުވެސް ހަމަޖެހިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *