ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދަފްތަރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެ އޮތޯރިޓީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހޭ ކަމަށާއި، އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ލައިސަންސް ނެތި ކާބޯ ތަކެތީގެ ހިދުމަތް ދިނުމަކީ ކުށެއް ކަމަށެވެ.
އެހެންކަމުން އެ ގާނޫނުގެ ދަށުން މާލޭގައި ނަމަ، އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ކާބޯ ތަކެތީގެ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
ކާބޯތަކެތީގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާއި ތަންތަން ޖޫރިމަނާކުރުމާއި، ލައިސަންސް ހިފަހެއްޓުމާއި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚުތިޔާރު މޯޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ލިބިގެން ވެއެވެ.

