މިއަހަރުގެ ފުރަތަމަ 10 ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީން އެ މުއްދަތުގައި ދައުލަތުން ކޮށްފައިވާ ހަރަދަށްވުރެ 1.3 ރުފިޔާ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީ ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރަމުންގެންދާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައި ވަނީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މާރިޗު 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެ މުއްދަތުގައި ދައުލަތުގެ ޚަރަދުކޮށްފައިވަަނީ 6.5 ބިލިޔަން ރުފިޔާ ކަމަށެވެ.

އަދި އެ މުއްދަތުގައި ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު އެ މުއްދަތުގެ އާމްދަނީ 5.4 އިންސައްތަ ކުރިއަރާފައިވެއެވެ. އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 7.8 ބިލިޔަން ރުފިޔާގެތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 6.3 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިޔަން ރުފިޔއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ރިޕޯޓުން ދައްކައެވެ.

އަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނު އިރު ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %16 ދަށް އަދަދެއްކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 7.8 ބިލިޔަން ރުފިޔާގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *