މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން މިހާތަނަށް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން،  150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.

ޑޮލަރު މާރުކުރުމަށް އޮންނަ ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނު އައި ހިސާބުން ބޭންކުތަކަށް ޓޫރިޒަމް އިންޑަސްޓްރީ އިން ހާއްސަކޮށް މި ގާނޫނުގެ ތެރެއިން ވަކިވަރަކަށް އާމްދަނި ހޯދާ ފަރާތްތަކަށް މާރުކުރަންޖެހޭނެެ. ޖުމްލަކޮށް ގާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި" – ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށްއޮތްތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ފުރަތަމަ އަމަލުކުރަންފެށި ބޭރު ފައިސާއާ ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެެރިއަކަށް 25 ޑޮލަރުގެ މަގުން، ބޭންކަށް ޑޮލަރު މާރުކުރަން ޤަވާއިދު ލާޒިމުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *