މިފްކޯއަށް މަސްކިރުވި އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 11.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިދިޔަ ހަފްތާއަކީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަށްވުމުން މަހަށް ނިކުތް ދޯނިތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އިތުރުވެފައިވީނަމަވެސް، މަސްވެރިކަން ދަށްވެފައިވާކަމަށް މިފްކޯއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 23.5 މިލިޔަން ރުފިޔާއެވެ.
ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު މިފްކޯއިން ވަނީ 40 މަސްދޯންޏަކަށް 7.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބުރުއަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް އެ ކުންފުނިން ވަނީ 120 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޖަނަވަރީ މަހާއި އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.

