30 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި‎ (ކުންފުނީގެ) އެންމެހާ ކަސްޓަމަރުންނާ ކުންފުނީގެ މުވައްޒަފުންނަށް ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރަމެވެ.
އެމް.ޑަބްލިޔު.އެސް.ސީ އުފެދިފައިވަނީ ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން ބޮޑު އާބާދީ އަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒެވެ.
މިގޮތުން، މާލެ ސަރަހައްދުގައ ފެން އުފެއްދުން ލާމަރުކަޒު ކުރެވި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ މިންވަރު އިތުރުކޮށް ފެން އުފައްދާ މިންވަރު އިތުރު ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން، 2025 ވަނަ އަހަރު ތެރޭގައި ފެން އުފެއްދުމުގެ ޤާބިލުކަން %25 އަދި ފެން ރައްކާކުރެވޭ މިންވަރު %30 އަށް އިތުރުކުރެވިގެން ދާނެއެވެ. މީގެ އިތުރުން، މިއަހަރު ނިމޭއިރު މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލެވި ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ހޮޅިން ޚިދުމަތްދޭން ފެށޭނެއެވެ. މި ކަމަށްޓަކައި ކުރާ މަސައްކަތްތަކުގެ ދަށުން މި ފެންހޮޅި ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކޮށް ނިންމާ މާލެއިން ހުޅުމާލެއަށް ހޮޅިމެދުވެރިކޮށް ވަގުތީގޮތުން ފެން ފޯރުކޮށްދެވޭ މިންވަރަށް މިހާރު މަސައްކަތްވަނީ ނިމިފައެވެ.
އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ނިމިފައި ވާއިރު މުޅި މަޝްރޫޢު ނިންމާލައި، ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ޚިދުމަތަށް ގެނައުމަށް ތާވަލު ކުރެވިފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ދުވާލަކު ވިހިހާސް ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
ކުންފުންޏަށް 30 އަހަރު ފުރިގެންދާއިރު، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި، 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް ޤާއިމްކޮށް ޚިދުމަތުގެ ފެންވަރު ބެލުމާ، އެމް.ޑަބްލިޔު.އެސް.ސީ ގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، ސްމާރޓް މީޓަރ ބޭނުންކުރަން ފެށުމާއި، އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފްކުރުން ހިމެނެއެވެ.
މީގެ އިތުރުން އެކިރަށްރަށުގައި ފެނާއި ނަރުދަމާގެ ޖުލްމަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ނިންމާލާފައިވާއިރު 2025 ވަނަ އަހަރުގައި ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުނީގެ އައި.އެސް.އޯ ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް އެމްޑަބްލިއު.އެސް.ސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރަމެވެ. އަދި، ކުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށްވެސް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތެއްގެމަތިން ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *