އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ބައިވެރިންގެ އަތުން ޓެރިފް ނަގަން އިއުލާނު ކުރެއްވުމާ ގުޅިގެން ތެލުގެ އަގު 2 ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
ބްރެންޓް ފިއުޗަރސް 1.97 ޑޮލަރު ނުވަތަ 2.63 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 72.98 ޑޮލަރަށް ވެއްޓިފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ފިއުޗާސް ވަނީ 1.98 ޑޮލަރު ނުވަތަ 2.76 ޕަސެންޓް ދަށަށް ގޮސް ތެޔޮ ފީފާއެއްގެ އަގު 69.73 ޑޮލަރަށް ވެއްޓިފަ އެވެ.
ޓްރަމްޕް ވަނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހަކީ "ލިބަރޭޝަން ޑޭ" ގެ ގޮތުގައި ސިފަކުރައްވައި، ދުނިޔޭގެ ވިޔަފާރީގެ ނިޒާމު ފުނޑުފުނޑުކޮށްލާނެ އާ ޑިއުޓީތަކެއް ގެނެސްފަ އެވެ. 2 އޭޕްރީލް ވީ ބުދަދުވަހު މެންދުރު ފަހު ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާއަށް އެތެރެކުރާ ހުރިހާ އިމްޕޯޓްތަކުން 10 ޕަސެންޓް ބޭސްލައިން ޓެރިފާއި، އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިންގެ އަތުން ޑިއުޓީ ބޮޑުކުރަން ޓްރަމްޕް އިއުލާނު ކުރެއްވި އިރު، އެ ދެ ބެންޗްމާކް ވެސް ވަނީ ނެގެޓިވްވެފަ އެވެ.
ތެލާއި ގޭހާއި ރިފައިންޑް ޕްރޮޑަކްޓްސް އިމްޕޯޓް ކުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އާ ޓެރިފްތަކުން އިސްތިސްނާކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ. ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން އިތުރުވެ، އިގްތިސާދީ ދުވެލި މަޑުޖެހި، ވިޔަފާރީގެ މައްސަލަތައް އިތުރުވެ، ތެލުގެ އަގު ދަށަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި އެމެރިކާގެ ތެލުގެ އިންވެންޓްރީތައް ވަނީ 6.2 މިލިއަން ފީފާއަށް އިތުރުވެފަ އެވެ.

