މި އަހަރުގެ ފުރތަމަ 3 މަހު 379 މިލިއަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފައި ވާކަމަށް މިފްކޯއިން ބުނެފިއެވެ.
ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރ 10 އިން ފެށިގެން މިފްކޯއަށް ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 409.1 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއާއެކު މިއަހަރު ފުރަތަމަ ތިން މަސް ދުވަހު އެކަނިވެސް 379 މިލިޔަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އެގޮތުން ޖަނަވަރީ މަހު އެ ކުންފުނިން މަސްވެރިންނަށް 177 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު ފެބްރުއަރީ މަހު 120 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މާރިޗް މަހު އެކުންފުނިން މަސްވެރިން ކިރުވި މަހަށް 81.9 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާ އޭގެ ކުރީ މަހާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. ރޯދަމަހާ ދިމާކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ދަށްވީ، އެވްރޭޖްކޮށް ރޯދަމަހު މަހަށް ނިކުތް ދޯނިފަހަރުގެ އަދަދު މަދުވީމައެވެ.
މިފްކޯއިން މަސްވެރިންނަށް ފައިސާ ދެމުންދަނީ އެކުންފުންޏާއި ބޭންކް އޮފް މޯލްޑިވްސް އަދި މާލީ ވުޒާރާގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، މިފްކޯއިން މަސް އެކްސްޕޯޓް ކޮށްގެން ލިބޭ ބޭރުފައިސާ މާރުކުރަނީ ބޭންކަށެވެ.

