އައްޑޫ ސިޓީގެ ހަތަރު އަވަށެއްގައި ޓޫރިޒަމް ޒޯންތަކުން ހުޅުވާލާފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން، ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުރިން އިއުލާންކުރި ގޮތުގައި ހިތަދު އާއި ފޭދޫގެ ބިންތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމާއި ބީލަން ހުޅުވުން ބާއްވަން އޮތީ މި މަހުގެ 6 ގައެވެ. އަދި މީދޫ އާއި ހުޅުދޫގެ ބިންތަކަށް ބީލަން ހުށަހެޅުން އޮތީ މި މަހުގެ 7 ގައެވެ. ނަމަވެސް މިހާރު ހަތަރު އަވަށުގެ ބިންތަކަށް ވެސް ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މި މަހުގެ 15 ގައެވެ.
އެގޮތުން:
- ހިތަދޫގެ ބީލަންތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުު 10:00 ގައި
- ފޭދޫގެ ބީލަން ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 11:00 ގައި
- ހުޅުދޫގެ ބީލަންތައް ހުޅުވާނީ މެންދުރު 12:00 ގައި
- މީދޫގެ ބީލަންތައް ހުޅުވުން އޮންނާނީ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި
މިކަން ކުރިއަށް ދާނީ ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގަ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫގެ ޓޫރިޒަމް ޒޯންތަކުން ޖުމްލަ 40 ބިމަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ވަނީ ހުޅުވާލާފަ އެވެ.
ހިތަދޫ ޓޫރިޒަމް ޒޯނުން 13 ބިމަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކަށް ދޫކުރާ 8 ބިމަކާއި ސިޓީ ހޮޓާ ހެދުމަށް ދޫކުރާ 3 ބިމެވެ. ފޭދޫ ޓޫރިޒަމް ޒޯނުން ދޫކުރަނީ ގެސްޓްހައުސް ހަދަން 3 ބިމެވެ.
ހުޅުދޫން ޖުމްލަ 15 ބިމަކަށް ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްއަށް ދޫކުރާ 13 ބިމާއި ސިޓީ ހޮޓާ ހަދަން ދޫކުރާ ދެ ބިމެވެ. އަދި މީދޫން 9 ބިމަކަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސް ހަދަން ދޫކުރާ 8 ބިމަކާއި ސިޓީ ހޮޓާ ހަދަން ދޫކުރާ 1 ބިމެވެ.
ހަމައެއާއެކު ފޭދޫއިން ތިން ބިމެއް ދޫކުރަން ނިންމާފަިއވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މި ބިންތައް ދޫކުރެވެނީ 50 އަހަރުގެ މުއްދަތަށް ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށެވެ.

