މިހާރު ހުޅުވާލާފައިވާ ލޯނު ސްކީމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެސްޑީއެފްސީން ބުނެފިއެވެ.
މިވަގުތު ކުރިމަތިލާން ހުޅުވާފައިވާ ސްކީމްތައް
- ދަނޑުވެރި ނަފާ
- ވިޔަފާރި އެހީ
- ފަށާ މަދަދު ލީސިންގ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކި ދާއިރާތަކުން މާލީ އެހީ އެސްޑީއެފްސީން ދަނީ ފޯރުކޮށްދެމުންނެވެ. އެކުންފުނިން މުޅިއެއެކު 10 ސްކީމެއް މިހާތަނަށް ތަޢާރަފްކޮށްފައިވާއިރު، މިވަގުތުވެސް ވިޔަފާރި އެހީ ހިމެނޭހެން 3 ސްކީމަކަށް އެދުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އެސްޑީއެފްސީން އެންމެ ފަހުން ފުރުސަތު ހުޅުވާލާފައިވަނީ ވިޔަފާރި އެހީ ލޯން ސްކީމަށެވެ. މިއީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރި ޚަރަދުތައް ކުރުމަށާއި، ހިނގަމުންދާ ވިޔަފާރި ހަރަކާތައް ބޭނުންވާ މެޝިނަރީސް ގަތުމަށް ލޯން އެހީއަށް އެދެވޭ ސްކީމެކެވެ. މި ލޯނު ސްކީމަށް ހުށަހަޅާ ފަރާތްތަކުން ގަންނަން ބޭނުންވާ މުދަލާއި އޭގެ ތަފްސީލު އެނގޭ ކޯޓޭޝަން ލޯނަށް އެދި ހުށަހަޅާ ލިއެކިއުންތަކާއި އެކު ހުށަހަޅަން ޖެހެއެވެ.
އެސްޑީއެފްސީން ވިދާޅުވީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އެސްޑީއެފްސީގެ ވެބްސައިޓު މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭއިރު، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީއިން ވިދާޅުވެއެވެ.

