އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު (އޭޕްރީލް 6) ވިދާޅުވީ އެމެރިކާގެ އިތުރުން ދުނިޔޭގެ ބާޒާރުތައް ވެސް ބޮޑުތަނުން ދަށަށް ދިއުމުން އެނގެނީ އޭނާގެ ޓްރޭޑް ޓެރިފް ސްޓްރެޓެޖީގެ "މެޑިސިން" މަސައްކަތް ކުރާ ކަން ކަމަށެވެ.
ހަފުތާ ބަންދުގައި ފްލޮރިޑާގައި ގޮލްފް ކުޅުމަށް ފަހު އެނބުރި ވޮޝިންޓަނަށް ވަޑައިގަތުމަށް ފަހު އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޓްރޭޑް ޕާޓްނަރުން "މޭޒު ދޮށަށް އަންނަ" ކަމަށާއި "ވާހަކަ ދައްކަން ބޭނުންވާ" ކަމަށެވެ. ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރު ކުށްވެރި ކުރައްވާ ޓްރަމްޕް ވިދާޅުވީ ވިޔަފާރީގެ ބައިވެރިން ފާއިތުވި އަހަރުތަކުގައި އެމެރިކާއާ މެދު އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.
އެމެރިކާގެ އިތުރުން ދުނިޔޭގެ ބާޒާރުގެ ހަލަބޮލިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ މާކެޓްތަކަށް ވާނެ ގޮތަކީ ކޮބައިކަން އަޅުގަނޑަކަށް ނުބުނެވޭނެ ކަމަށެވެ. އެކަމަކު އޮންނަނީ ވަރުގަދަކޮށް ކަމަށެވެ.
ޗައިނާއިން ނަގާ 34 އިންސައްތަ ޓެރިފް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ރެސިޕްރޯކަލް ޓެރިފް ނަގަން ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެން މާކެޓަށް ބޮޑު ހީނަރުކަމެއް އައިސް، އެމެރިކާގެ ސްޓޮކްތަކުން ގާތްގަނޑަކަށް ހަ ޓްރިލިއަން ޑޮލަރުގެ ދަށްވުމެއް ވަނީ ކުރިމަތިވެފައެވެ.

