އެމެރިކާއަަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ އެތަކެއް ގުނައަކުން ބޮޑު ކުރުމަށް ރައީސް ޓްރަމްޕް ނިންމަވާފައި ވަނީ އޭޕްރިލް 2ވަނަ ދުވަހުއެވެ. އެކި ޤައުމުތަކުން އެމެރިކާއަށް އިމްޕޯޓު ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކޮށްފައި ވަނީ އެކި މިންވަރަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޑިޔުޓީއެއް ތަޢާރުފު ކުރައްވާފައި ވަނީ ޗައިނާއިން އެތެރެ ކުރާ މުދަލަށެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ މާލީ އަދި ހިއްސާގެ ބާޒާރުތައް އެރި ލޮޅުންތަކުގެ އަސަރު އިތުރަށް ބޮޑުވެގެން ދިޔައީ ތެޔޮ އުފައްދާ އަދި ބޭރުކުރާ ޤައުމުތައް (އޯޕެކް+)ގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އޯޕެކް+ގެ ޤައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ނިންމާފައެވެ. އޯޕެކުން ކުރިން ނިންމާފައި އޮތީ މޭ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 135,000 ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށެވެ. ނަމަވެސް، އެ ނިންމުން މުރާޖާކޮށް، މޭ މަހުގެ ތެރޭގައި ދުވާލަކު 411,000 ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް އޯޕެކުން މިހާރު ވަނީ ނިންމާފައެވެ.
މި ނިންމުމާ އެކު ބްރެންޑް ކްރޫޑްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 62.52 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. މާރިޗު 31ގައި ބްރެންޑް ކްރޫޑް ފީފާއެއްގެ އަގު ހުރީ 74.74 އެމެރިކާ ޑޮލަރުގައެވެ. ތެލުގެ އަގުތައް ވެއްޓެން ފަށާފައިވާ އެއް ސަބަބަކީ، ޗައިނާއާ ދެކޮޅަށް އިޢުލާނު ކޮށްފައިވާ ޑިޔުޓީ އިތުރަށް ބޮޑު ކުރުމަށް ނިންމަވާފައިވާ ކަން ރައީސް ޓްރަމްޕް ހާމަ ކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވަނީ އެ ޤައުމަށް އެތެރެ ކުރާ އެމެރިކާގެ މުދަލުން ނަގާ ޑިޔުޓީ އިތުރު %34އަށް ބޮޑު ކުރުމަށް ނިންމާފައެވެ. ޓްރަމްޕް ވިދާޅުވީ، އެ ނިންމުން ބަދަލު ނުކޮށްފި ނަމަ، ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ އިތުރު %50ން ބޮޑު ކުރާނެ ކަމުގައެވެ. ޓްރަމްޕް އެ ގޮތަށް އަމަލު ކުރައްވައިފި ނަމަ، ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %104އަށް އުފުލިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރިއެވެ.

