ރާއްޖެއިން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ދިން ފައިސާ ގެއްލުނު މައްސަލާގައި، ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި އެވެ.
ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކުރަން ޖެހުނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް، ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު ނުވަތަ 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ. އޭނާ ވިދާޅުވީ، "ގެއްލުނު" ފައިސާ އަދި ރިކަވާ ކުރެވިފައި ނުވި ނަމަވެސް އެ މައްސަލާގައި އެސްޓީއޯ އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަމަކު، މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ.


ކިޔުންތެރިންގެ ޚިޔާލުތައް
ނާޒިމު ހުރިހާ ކުންފުނިތަކަށް ހަންފެތުރުމުގެ އެޖެންޑާ އެއް ގެންގުޅޭކަން ނޭގޭ މީހަކު ވަރަށް މަދު. ކަމުގެ ޙަގީގަތް ނާޒިމުމެން ބުނީމާ ދެން އޮޅޭ ވަރަށް ކަންކަން ކުރަމުން ތި ގެންދަނީ. ސުވާލު އުފޭދޭ އެތަކެއް ކަމެއް ނާޒިމުކުރާ ކަމަށް އެންމެން ދައްކަމުންދަނީ. މިވެސް އެފަދަ އެއް މިސާލު ކަމަށް ބެލެވޭ.
އެސް.ޓީ އޯ އާ ތިޔަ ސުވާލު ކުރަންވީ ނޫންތޯ؟ ނާޒިމު އަކީ އެސް.އޯ.އީ ތަކާ ބެހެވޭނެ މީހެއްނޫން. މަޖިލިސް އެސް.އޯ.އީ ކޮމެޓީ ކޮބާތޯ ؟ ޚަބަރު ލިބޭ ގޮތުން މީގަ ލިޔެފަ މިހިރީ ސައްޙަ ނޫން ވާހަކަ. ސަބަބަކީ ނާޒިމު އެ އުޅުއްވާ ކޮރަޕްޓް ގޮތަކުން ކަމަށްވެސް ވެދާނެ.