ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ ހުޅުލެ އައިލެންޑް ހޮޓަލުގަ އެވެ. މި ރަސްމިއްޔާތުގައި ބީޔޫސީޖީގެ ޗެއަރމަން މިސްޓަރ ލީ ވެއިޑޮންގް އަދި ޗައިނާ އެމްބަސީގެ ޗާޖް ޑެފެއާޒް މިސް ހީ ފެން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވި ގޮތުގައި، މި ރަންވޭގެ ސަބަބުން ކޮމާޝަލް އެއާލައިންގެ އެވަރެޖް ޓާންއެރައުންޑް ވިހި މިނިޓު ކުޑަކުރެވޭނެ އެވެ. އަދި މަސައްކަތް ކުރިއަށްދާއިރު އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތަށް މަސައްކަތްތައް ރޭވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓެކްސީ ވޭ ޗާލީ ރީ ބިލްޑްގެ ނަމުގައި ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން، 3،200 މީޓަރުގެ ދިގުމިނުގެ ރަންވޭއެއް ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ އެވެ. މި މަސައްކަތް ނިމުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ އިތުރު ރަންވޭއެއް ލިބިގެންދާނެ އެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ، މި މަސައްކަތް ހަވާލުކުރެވިފައިވާ ބީޔޫސީޖީއަކީ މިހާރު ބޭނުންކުރަމުންދާ 3،400 މީޓަރުގެ އާ ރަންވޭ ތަރައްޤީކުރި ފަރާތްވެސް ކަމުގައިވުމެވެ. އެ ރަންވޭ ތަރައްޤީކޮށްފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *