އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ފަރާތެއް މިހާރުވަނީ ހަމަޖެހިފަ އެވެ. އަދި ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖޭގައި ޓެކްސީގެ ޚިދުމަތަކީ ޒަމާންވީ ޚިދުމަތަކަށްވީ ނަމަވެސް، މި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވި މިނިސްޓަރު، ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމާއި ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމިއްލަ ކާރުގައި ނުވަތަ ކުއްޔަށް ކާރު ނަގައިގެން ޚިދުމަތް ދޭއިރު މެއިންޓަންސްފަދަ ކަންކަމަށް ބޮޑެތި ޚަރަދުކުރަންޖެހެ އެވެ. ނަމަވެސް ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ޚަރަދެއް ކުރަން ނުޖެހި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

