ބޭންކް އޮފް މޯލްޑިވްސް ގެ ބީއެމްއެލް އިސްލާމިކަށް މިހާތަނަށް 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓް ލިބިފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވިދާޅުވީ އެ ބޭންކުން އިސްލާމިކް ފައިނޭންސް ވަރަށް ބޮޑަށް ފުޅާ ކުރަމުން އަންނަ ކަމަށާއި، އެ ބޭންކުގެ އިސްލާމިކްގެ ދަށުން ފައިނޭންސިންއަށް ތިން ބިލިއަން ރުފިޔާގެ ޕޯޓްފޯލިއޯއެއް މިހާރު އެބަހުރި ކަމަށެވެ. އަދި އެ ބޭންކުގެ އިސްލާމިކް ފައިނޭންސިންއަށް އޮތް އިތުބާރު ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތަކީ އައި.ޔޫ.އެމްގެ ފަރާތުން  11 އޮގަސްޓް 2024 ގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލުމުން ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިން 60 މިލިއަން ރުފިޔާ ސަބްސްކްރައިބްކޮށްގެން ކުރާ އިމާރާތެކެވެ.

ބީއެމްއެލްގެ އިސްލާމިކް ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ބޭންކްގެ ހިދުމަތްތައް ފަރުމާކޮށްފައިވަނީ އެކި ބާވަތްތަކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށެވެ. އޭގެ ތެރޭގައި އިސްލާމިކް އޯވަޑްރާފްޓާއި ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެ ބޭންކުން ވަނީ ޝަރީއާ ހުއްދަކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ތައާރަފްކޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *