އެއާބަސް އޭ330 މަރުކާގެ ބޯޓެއް ހޯދަން އައިލެންޑު އޭވިއޭޝަނުން ކުރިން ހުޅުވާލި އިއުލާނާ ގުޅިގެނ ލިބުނު ހުށަހެޅުން ތަކުގައި ޓެކްނިކަލް ރިކުއާމަންޓު ހަމަނުވާތީ، އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ބޯޓު ހޯދުމަށް މިދިޔަ ފެބްރުއަރީ މަހު ހުރި އިއުލާނު ބާތިލުކޮށް ދެވަނަ ފަހަރަށް އިއުލާނުކުރީ، ކުރިން ލިބުނު ހުށަހެޅުންތައް، އެ ކުންފުނިން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހަމަ ނުވާތީ ކަމަށެވެ.
އެ ކުންފުނިން ބުނީ ފުރަތަމަ އިއުލާނާ ގުޅިގެންވެސް ގިނަ ޕާޓީތަކުން އޭ330 ބޯޓު ގެނެސްދޭން ޕްރޮޕޯޒަލް ހުށަހެޅި ކަމަށާއި، ނަމަވެސް ބޯޓު ހޯދާއިރު، ޓެކްނިކަލް ރިކުއާމަންޓްގެ ގޮތުގައި މުހިއްމު ގިނަ ކަންތައްތަކަށް ބަލާނެ ކަމަށާއި އޭގައި އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ ސްޓޭންޑާޑްތަކެއް ވެސް ހުންނާނެ ކަމަށާއި، ޓެކްނިކަލް ރިކުއާމަންްޓްގެ ގޮތުގައި ބޯޓުގެ އުމުރާއި ބޯޓު ބޭނުންކުރި މުއްދަތާ އަދި އިންޖީނާ ގުޅޭ މުހިއްމު ގިނަ ކަންކަން ޗެކް ކުރާނެ ކަމަށެވެ.
ގެޒެޓުގައި ކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަށް އޭ330 މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅާން ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބޭނުންވާ އެ ބޯޓު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

