ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
މި ލޯނަކީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ނިންމުމަށް ސައުދީ ފަންޑުން ދިން ލޯނެކެވެ. މީގެ ކުރިންވެސް ވީއައިއޭގެ ތަރައްގީއަށް ސައުދީ ފަންޑުން ވަނީ 200 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ސައުދީ ފަންޑާއި ރާއްޖޭގެ ސަރުކާރާ ދެމެދު ވަނީ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. އެސްއެފްޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވަމުންދާ އެހީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ތަރައްގީ އެހީ ބޭނުންވާ މުހިންމު އެތަށް ދާއިރާއަކުން ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢު ނިމުމާއިއެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤުތިޞާދީ ތަރައްޤީއާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ސަރުކާރުން ބުނެ އެވެ.

