ރޯދަމަހު 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ރާއްޖެ އެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން އާންމުކުރި އިމްޕޯޓް، އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ރާއްޖެ އަށް ވަނީ އެތެރެކޮށްފަ އެވެ. އެއީ ބަނގުރަލާއި އޫރުމަސް އަދި ދުންފަތް ނުހިމަނައި، މިދިޔަ މަހު އެތެރެކުރި 968 މިލިއަނާ އަޅާބަލާއިރު، 88 މިލިއަން ރުފިޔާގެ މުދަލުގެ އިތުރުވުމެކެވެ. ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހާއި އޭގެ ކުރީ މަހު ވެސް ތެލުގެ ބާވަތްތައް ހިމަނައިގެން، ޖުމްލަ އިމްޕޯޓް ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ.
މީގެ އިތުރުން ކަސްޓަމްސްގެ ހިސާބުތަކުން ފެންނަ ގޮތުގައި، މިދިޔަ މަހު ރާއްޖެ އަށް ވަނީ 867 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު، 105 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 729 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ރާއްޖެ އަށް ވަނީ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު ރާއްޖެ އިން 204 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ. ޖުމްލަ އިމްޕޯޓާއި އެކްސްޕޯޓް އެއްވަރެއްގައި ހުއްޓަސް، ފެބްރުއަރީ މަހާ އަޅާބަލާއިރު، ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު 350 މިލިއަން ރުފިޔާގެ އާމްދަނީ އަކީ އޭގެ ކުރީ މަހު ލިބުނު ވަރަށް ވުރެ، 13 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

