މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއީ ދަތުރުފަތުރުގެ ދާއިރާގައި މިވަގުތު އެންމެ އިސްކަންދީގެން ކުރަމުންދާ އެއް މަސައްކަތްކަމަށެވެ. އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް ވަނީ އުތުރުން 4 އަތޮޅު، އެންމެ ދެކުނުން 4 އަތޮޅު އަދި ޅ.އަތުގައި ފަށާފައެވެ. އެންމެ ފަހުން ޚިދުމަތް ފެށި ނ. އަތޮޅުގައި ޚިދުމަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

އަމީން ވިދާޅުވީ، އާރްޓީއެލްގެ މުޅި މަޝްރޫޢު ފަރުމާކޮށްފައި އޮތީ 2027 ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާއިރު، އެންމެ އަވަހަށް ދެން މި ޚިދުމަތް ފަށާނީ ރ އަދި ބ އަތޮޅުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޚިދުމަތަށް ބަންނަ އުޅަނދުތަކަކީ ވަކި މިންގަނޑަކަށް ބަންނަ އުޅަނދުތަކަކަށްވުމާއެކު، އެކަމަށް ވަގުތު ނަގާކަމަށެވެ. އެހެންކަމުން މި މަސައްކަތް އަވަސްކުރުމަށް، އިތުރު ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް އެކަމަށް ހުރި ފުރުޞަތުތައް ބަލަމުންދާކަމަށެވެ. މިހާތަނަށް ފެރީތައް ބަނދެފައިވަނީ ގަލްފް ކްރާފްޓް އަދި އަލްޝާލީ މެރިންއާއި ހަވާލުކޮށްގެންނެވެ.
މިވަގުތު މި ޚިދުމަތުގައި 26 ފެރީ ދަނީ ބޭނުންކުރަމުންނެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންވެއެވެ. މިއީ 50 މީހުންގެ ޖާގައިގެ ޒަމާނީ ހައި ސްޕީޑް ލޯންޗްތަކެކެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *