ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އައްޑޫ ގަމުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ބޭރުގެ ބަޔަކާ ހަވާލު ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގަން ހަވާލުކުރަން ނިންމާފައިވާ ޒެނިތު އޭވިއޭޝަން އެކަޑެމީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ އިރު، އެ ކުންފުނީގައި އެޓޯލް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑާއި ސިމްޕްލިފައި ހޯލްޑިންސް ގްރޫޕްގެ ހިއްސާވެ އެވެ. ޒެނިތު އޭވިއޭޝަން އެކަޑެމީގެ މެނޭޖިން ޑިރެކްޓަރަކީ އިންޑިއާ މީހެއް ކަމަށްވާ ސަންދީޕް ކުމާރެވެ. އެ ކަޑަމީގެ ސީއޯއޯ އަކީ އިސްމާއީލް ރަޝީދު އެވެ.
މޯލްޑިވިއަން ފްލައިން ސްކޫލަކީ ކުރިން ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކް (އޭއޭއޭ) އިން ހިންގަމުން އައި ފްލައިން ސްކޫލް ހުއްޓާލަން ޖެހުމާ ގުޅިގެން 2021 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނާ ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މޯލްޑިވިއަން އިން ހިންގަމުން އައީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއަކާ ގުޅިގެންނެވެ. މޯލްޑިވިއަން އިން މި އެކަޑަމީގެ ހިންގުން އެހެން ބަުަޔަކާ ހަވާލުކުރަން ނިންމާފައިވަނީ އެކޑަމީ ހިންގަން އެ ކުންފުންޏަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފައި ވާތީއެވެ.

