ރަނުގެ އަގު ފުރަތަމަ ފަހަރަށް އައުންސަކަށް 3،300 އެމެރިކާ ޑޮލަރަށް އަރައިފި އެވެ.
ގްރީންވިޗް މީން ޓައިމްގައި ރަނުގެ އަގު 2.2 އިންސައްތަ އިތުރުވެ އައުންސަކަށް 3،299.85 ޑޮލަރަށް އަރާފައިވާއިރު، މީގެ ކުރިން ރެކޯޑު އަގެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 3،317.90 ޑޮލަރެވެ.
މި އަގު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ މުހިންމު މައުދަނުތައް އެންމެ ގިނައިން އުފައްދާ ޤައުމު ކަމުގައިވާ ޗައިނާއަށް ބަރޯސާވުން މަދުކުރުމަށް އަމާޒުކޮށްގެން ޓްރަމްޕް ކުރި އިޢުލާނާ ގުޅިގެން މާކެޓުގައި ޔަޤީންކަން ގެއްލިފައިވުމެވެ.
މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި ”މިއަހަރު ރަނުގެ އަގު 26 އިންސައްތަ އިތުރުވެފައިވަނީ ޓެރިފްތަކުގެ [ޓެކްސްތަކުގެ] ސަބަބުން އުފެދުނު ކަންބޮޑުވުންތަކާއި، ސެންޓްރަލް ބޭންކުތަކުން ރަން ގަތުމާއި، ރޭޓް ކަނޑާލުމުގެ އުންމީދުތަކާއި، ރަނުގެ އީޓީއެފްތަކަށް ފައިސާ ވަނުމުގެ ސަބަބުން“ ނެވެ.
ބޭންކް އޮފް އެމެރިކާގެ ސަރވޭއަކުން ދައްކާގޮތުގައި 49 އިންސައްތަ އިންވެސްޓަރުން މިހާރު ”ލޯންގް ގޯލްޑް“ އަކީ އެންމެ ކްރައުޑެޑް ޓްރޭޑްކަމުގައި ދެކޭއިރު، އޭއެންޒެޑްއިން އަހަރު ނިމޭއިރު ރަނުގެ އަގު 3،600 ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވެ އެވެ.
އެހެނިހެން މައުދަނުތަކުގެ ތެރެއިން ރިހީގެ އަގު 2 އިންސައްތަ އިތުރުވެ 32.94 ޑޮލަރަށް އަރާފައިވާއިރު، ޕްލެޓިނަމް 0.1 އިންސައްތަ އަދި ޕެލޭޑިއަމް 0.6 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.

