ރާއްޖެ އަކީ ސްޕޯޓްސް ފިޝިންގް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ގްލޯބަލް އެމްބެސެޑަރ ކަމަށް ފްލައި ނަވާރޯ ހަމަޖައްސައިފިއެވެ.
ސްޕޯޓް ފިޝިންގގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިފައިވާ "ފްލައި ޒޯން ފިޝިންގ" ގެ ބާނީ ފްލައި ނަވާރޯއަކީ 6 ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެފައިވާ ސްޕޯޓްސް ފިޝިންގެ އެންމެ މަޝްހޫރު އެއް ބްރޭންޑް އެވެ.
ފްލައި ނަވާރޯ އާއިއެކު ވެފައިފާ ޕާޓްނާރޝިޕް އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ އިޝްތިހާރުކޮށް ސްޕޯޓްސް ފިޝިންގ ގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލު މަންޒިލަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މީގެ އިތުރުން ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ނަވޯރާ ބުނިގޮތުގައި ބައިނަލްއަޤްވާމީ ފެނުވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލުކަމަށްވެސް އޭނާ ބުންޏެވެ.
އެގޮތުން މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް ރާއްޖެއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މިމާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ ލިބޭ އުފަލެއްކަމަށްވެސް ފްލައި ނަވާރޯ ވަނީ ބުނެފައެވެ.
މި އެމްބެސެޓަރޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގޮތުން އެމްއެމްޕީއާރުސީއިން ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިންގް މުބާރާތުގައި ނަވާރޯ ބަައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
ބުރުނުބޯމަ ސްޕޯޓްސް ފިޝިން މުބާރާތަކީ މަސްވެރިކަމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ރާއްޖޭގެ ކުޅިވަރު މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ޚާއްސަ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ބައިވެރިވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

