ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސް ފެކްޓްރީއެއް އެޅުމަށް ބަޖެޓް އޮތީ ހަމަޖެހިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ޚަބަރު ދެއްވާފައިވަނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސް ކުރުމަށްޓަކައިވެސް އަޅުގަނޑުމެން ފެސިލިޓީއެއް ޤާއިމުކުރުމަށް މިހާރު ފައިނޭންސް ހަމަޖެހިފައި އެއޮތީ. ފައިނޭންސްގެ އިތުރަށް ބިންވެސް. 25000 އަކަފޫޓުގެ ބިމެއްވެސް ހަމަޖައްސައިފިން. އެހެންވީމާ، އެތާނގައި ބޮޑުކަންނެލި ފެކްޓްރީއެއް އިރާދަކުރެއްވިއްޔާ އެޅިގެންދާނެ. އެހެންވީމާ، މި ހުރިހާ ކަމަކުން ވަރަށްބޮޑު ތަނުން އަޅުގަނޑުމެންގެ މި މަސް ޕްރޮސެސްކޮށް، ވެލިއުއެޑްކޮށް ބޭރުކުރުމަށް، މި ދައުރުގެ ތެރޭގައި ބާކީ މިއޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ އެތައް ގުނައަކުން ނަތީޖާ ލިބޭނެ އިނގޭތޯ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާކަމަށެވެ. އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން، މިހާރު ހުރި 8500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު، ބާރު ދުވެލީގައި ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އަދި މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *