ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ %95 އިންސައްތަ އުޅަނދު، މިހާތަނަށް މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންގެ ދުވަހާއި ހަމައަށްދާއިރު މަސްވެރިންގެ ތެރެއިންވެސް ގިނަ މަސްވެރިން މިދަފުތަރުގައި ރަޖިސްޓަރީ ވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން ފެށި އެންމެބޮޑު އެއްކަމަކީ، މަސްވެރިންނަށް ލޯނު ނެގޭނެ ގޮތްތަކެއް، ބޭންކްތެރެއިން ހަމަޖެއްސުން. އެކަން ކުރުމަށްޓަކައި ކަމާބެހޭ ގަވާއިދެއް ގެޒެޓްކޮށްފައި، ދަފްތަރެއް ޤާއިމުކުރަން މި ފެށީ. ދަފްތަރުގައި ރަޖިސްޓަރވާ ކޮންމެ މަސްވެރިޔަކު އެއީ، ލޯނުތަކާއި، ދެން ހުންނަ ކްރެޑިޓް ފެސިލިޓީތަކަށް އެޕްލައި ކުރެވޭ މީހުންނަށް ވެގެންދޭ. މިވާގޮތަކީ ކުރީގައި ވެއްޖިއްޔާ، މިއިން އެއްވެސް މަސްވެރިޔަކު މި ކުރަނީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއް ކަމަކަށް ބޭންކްތަކުން ރެކޮގްނައިޒެއް ނުކުރޭ. އޭގެ ސަބަބުން އެއްވެސް ލޯނެއް ނުނެގޭ. އެކަމަކު މި ދަފްތަރުގައި ދަފްތަރުވީމަ، ބޭންކްތަކުން އެބަ ބަލައިގަނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު 250 މިލިއަނަށްވުރެ ގިނަ ފައިސާގެ ބޮޑު ބެކްލޮގް ކްލިއަރކޮށް، މިހާތަނަށް އައިއިރު 475 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. އަދި އޭގެ ނަތީޖާ މަސްވެރިކަމުގެ ސިނާޢަތުން ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *