އިންޑަސްޓްރީގެ މީހުންގެ މަޝްވަރާއަށް ބަލާއިރު މިހާރު އިސްކަން ދެނީ އަރަބިއަން ޓްރެެވެލް މާކެޓަށް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ އައިޓީބީއަށް ވުރެ ބޮޑު އިސްކަމެއް މިހާރު އަރަބިއަން ޓްރެވެލް މާކެޓަށް ދޭންޖެހޭ ކަމަށެވެ.

އެގޮތުން ދައުލަތުގެ މީޑިއާއަށް އަރަބިއަން ޓްރެވެލް މާކެޓަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން  ދިން އިންޓަވިއުއެއްގައި ޝިއުުރީ ވިދާޅުވީ މިމަހުގެ 28އިން އަންނަ މޭއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ބައިވެރިވާނެއެވެ. މިފެއަރގައި މިފަހަރު ރާއްޖެއިން 111 އެގްޒިބިޓަރުން ބައިވެރިވާނެއެވެ. އަދި 230 އަށް ވުރެ ގިނަ މަންދޫބުން ރާއްޖެ ތަމްސީލް ކުރަން ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އަރޭބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގައިވެސް ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ ކަމަށެވެ. އަދި ގިނަ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން މިފެއަރއަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވެލް މާކެޓުގައި 160 ޤައުމަކުން 46000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެއެވެ. އަދި މިފެއަރގައި، 90،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، މިފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފެއެވެ.

މިއަހަރުގެ އަރަބިއަން ޓްރެވެލް މާކެޓުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މިފެއަރގެ ތެރެއިން ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލާ ވިޔަފާރިތަކާއި އެކު ގިނަ ބައްދަލުވުންތައް ބޭއްވިގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *