ބައިނަލްއަގުވާމީ ވިޔަފާރި ބްރޭންޑްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން އެއްބާރުލުންދެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ފައިވާން ބްރޭންޑް ބްރެޒިލްގެ "ހަވާއިއާނާސް" ގެ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް ބައިނަލްއަގުވާމީ ބްރޭންޑުތައް ފެނުމަކީ މުހިންމު ކަމެއް ކަމަށާއި،. ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމަކަށްވާއިރު އެފަދަ ބްރޭންޑުތަކުގެ އުފެއްދުންތައް ރާއްޖޭން ލިބެން ހުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރިތައް ރާއްޖެ އައުމުން އިޤްތިޞާދަށް ފައިދާވެގެންދާނެ ކަމަށާއި، އެތައް ގޮންޖެހުންތަކާއެކުވެސް ވިޔަފާރިވެރިން ކުރާ މަސައްކަތުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.
އަދި ވިޔަފާރިތައް ކުރިއެރުވުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށާއި، ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވިޔަފާރިތައް ކުރިއެރުވުމުގައި، ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގައި އިންޓަނޭޝަނަލް ފްރާންޗައިޒް ގެންނަން ބޭނުންވާ ފަރާތްތަކާއި އަދި ދިވެހިރާއްޖޭގައި ބްރޭންޑް އެއްޗެހި އުފައްދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޤާނޫނީ ގޮތުންވެސް ކުރައްވަމުންގެންދަވާ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

