މި ސަރުކާރުން 13 ތަނެއް ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރ ތޯރިގް ވިދާޅުވީ މިހާތަނަށް މިސަރުކާރުން ޓޫރިޒަމް ތަރައްގީކުރުމަށް ދޫކޮސްފައިވާ 13 ތަނުގެ ތެރެއިން 10 ތަނެއް ދޫކޮށްފައިވަނީ ކްލޯސްޑް ބިޑިން އުސޫލުން ކަމަށާއި 3 ތަނެއް ދޫކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން ކަމަށެވެ. މީގެ އިތުރުން އޯޕަން ބިޑިންގެ ދަށުން ދޫކުރުމަށް އިތުރު 3 ތަނެއް މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރ ތޯރިގް ވިދާޅުވީ އޯޕަން ބިޑިންގެ ދަށުން މިހާރު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި ކެލާގެ ފަޅު ތެރޭގައި ތަރައްގީކުރުމަށް ހުޅުވާލާފައިވާ 2 ރިސޯޓާއި، ކާށިދޫ ފަޅުތެރޭގައި ތަރައްގީކުރުމަށް ހުޅުވާލާފައިވާ ރިސޯޓް ހިމެނޭ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު 156 ރިސޯޓެއް ތަރައްގީ ކުރަމުގެ މަސައްކަތް އެކި މަރުހަލާތަކުގައި އޮތްއިރު 61 ރަށެއްގެ މަސައްކަތް އޮތީ އަދިވެސް ހުއްޓިފައި ކަމަށެވެ. މީގެ އިތުރުން މިހާރު ރާއްޖޭގައި އޮޕްރޭޓް ކުރަމުން އަންނަ ރިސޯޓް ތަކުގެ ތެރޭގައި 65 ރިސޯޓަކީ ދިވެހި އިންވެސްޓްމަންޓް ތައް ކަމަށާއި 110 ރިސޯޓަކީ އިންޓަނޭޝަނަލް ބްރޭންޑުތަކުން އޮޕަރޭޓްކުރާ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ.

