ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންހުރި ފައިސާ ނުދައްކާ ކުންފުނިތަކަށް ސަރުކާރުގެ މަޝްރޫއުތައް ހަވާލުނުކުރަން ލަފާ އެރުވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވަނީ އެޗްޑީސީއަށް އެކި ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި 1.4 ބިލިއަން ރުފިޔާގެ މައްސަލައިގައި ކޮމިޓީން ދިރާސާކުރި މައްސަލައިގައި ރިޕޯޓާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
އެގޮތުން މި މައްސަލައިގައި ކޮމިޓީން ލަފާއެރުވުމަށް ފާސްކޮށްފައިވާ އެއްކަމަކީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންހުރި ފައިސާ ނުދައްކާ ކުންފުނިތަކަށް ސަރުކާރުގެ އެއްވެސް އާ މަޝްރޫއެއް ހަވާލު ނުކުރުމަށެވެ. އަދި މިކަމުގައި ކޮމިޓީން ދީފައިވާ ލަފާތަކަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވެސް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެ އެވެ.
އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާވާ ކުުންފުނިތަކާއި ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ވަނީ އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ ބައެއް ކުންފުނިތަކާއި އެ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ ތަފުސީލުތައްވެސް ހިމަނާފަ އެވެ. މީގެއިތުރުން ފައިސާ ނުލިބިވާ މައްސަލަތަކުގައި ކޯޓުގައި ހުރި މައްސަލަތަކުގެ ތަފްސީލުތަކާއި، ބިމުގެ ކުލި ނުލިބުމުގެ ސަބަބުން އެޗްޑީސީއަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލުތައް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާވާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގެ ވަރަށް ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުން ކޮށްގެން ވިޔަފާރިކުރަމުންދާ ފަރާތްތައްކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެޗްޑީސީއަށް ފައިސާ ނުދައްކާވާ ކުންފުނިތަކަށް ސަރުކާރުގެ ބިޔަ މަޝްރޫއުތައް ހިންގުމަށް ފުރުސަތު ލިބި، އެ މަޝްރޫއުތައް ހިންގަމުންދާ ކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

