އިންޑިއާގެ އެންމެ މަޝްހޫރު ކްރިކެޓް ޓީމް ކަމަށްވާ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާއެކު ރާއްޖެ އިސްތިހާރު ކުރަން ހެދި އެއްބަސްވުން މަޑު ޖައްސާލައިފި އެވެ.
މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމެވެ.
މިނިސްޓަރު ތާރިގު ވިދާޅުވި ގޮތުގައި، ”މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާއި އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގައި ހުރި މާލީ ކަންކަން އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ މިވަގުތު އެ މަސައްކަތް މަޑުޖައްސާލާފައި“ ވާ ކަމަށެވެ. ނަމަވެސް އިންޑިއާގެ އެހެން ފަރާތްތަކާއެކު އެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އިންޑިއާގެ މަޝްހޫރު ބައެއް ތަރިންނާއެކު ވަރަށް އަވަހަށް ރާއްޖެ އިސްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ އެވެ. އަދި މިހާރުވެސް އިންޑިއާ މާކެޓުން ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އިންޑިއާ އޮތީ ޓޫރިޒަމްގެ 6 ވަނަ ސަފުގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 38,850 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

