ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މަސްވެރިންގެ އަތުން މިފްކޯއަށް މަސްގަނެފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށް މިފްކޯގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހު މިފްކޯއަށް ވަނީ 56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައެވެ. އަދި އެ ދުވަހު ކިރުވާފައިވާ މަހަށް މަސްވެރިންނަށް 5.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ ކުރިން މަސްވެރިންނަށް އަތުން އެންމެ ގިނަ އަދަކަކަށް މަސް ގަނެފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު 30 މަސްދޯންޏަކުން މަސްކިރުވާފައިވާ މަހަށް 5.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 254 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 14.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީ ހަފްތާ މަސްވެރިންނަށް ދޫކޮށްފައިވަނީ 12.8 މިލިޔަން ރުފިޔާއެވެ.

