ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 13 މިލިއަނަށް ވުރެ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އަތުލައިގެންފާ ވަނީ 13.6 މިލިއަން ސިނގިރޭޓު ކަމަށެވެ. މިތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޕްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މި ސިނގިރޭޓުތައް ކަސްޓަމްސްއިން އަތުލައިގަތީ ހުޅުމާލެ ސީކާގީ ޓާމިނަލުންނެވެ.

ކަސްޓަމްސްއިން އެ ޝިޕްމެންޓް ބަލާ ފާސްކުރި އިރު 40 ފޫޓުގެ ދެ ކޮންޓެއިނާ ތެރެއިން 1،360 ކޭސް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ފެނުނުކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މި ޝިޕްމެންޓުން އަތުލައިގަތް ސިނގިރޭޓުތަކަށް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާ ކުރެވޭކަމަށް ކަސްޓަމްސްއިން ބުނެ އެވެ. ކަސްޓަމްސްއިން ބުނީ، އަތުލައިގަތް ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އެ ބާވަތްތައް ޕެކެޓުކޮށް ބަންދުކުރުމާ ލޭބަލްޖެހުމުގެ ހުއްދަ ދޫކުރުމާ ޚިލާފަށް އެތެރެކުރި ތަކެތި ކަމަށެވެ.

ކަސްޓަމްސްއިން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *