މަގުމައްޗަށް ދޫކޮށްލައިފައި ދިޔަ ކޮތަޅުތަކަކުން ފެނުނު ސިނގިރޭޓުތަކަކީ ކުންފުންޏެއްގެ ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު ތަކެތިކަމަށް ފުލުހުން ބުނެފި އެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ޕިކަޕަކުން ބޮޑުރަސްގެފާނު މަގަށް ކަޅު 3 ދަބަސް ބޭލުމަށް ފަހު ފިލުމުން ފުލުހުން ހިންގި ތަހުގީގެއްގައި 221 ކާޓަން ސިނގިރޭޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި ފުލުހުން ވަނީ 3 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
މި ސިނގިރޭޓުތަކަކީ ލޮޓަސް ފިހާރަތައް ހިންގާ ކުންފުނި، ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ބޮންޑެޑް ވެއާހައުސްއަކުން ގެއްލިފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރި 3 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގަ އެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީވެސް ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރާ 3 މީހުން ކަމަށެވެ. އަދި ފެނުނު ސިނގިރެޓް ކާޓަންތަކަކީ އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމާން އެވެ.
ބަންދުގެ މަޖިލީހުގައި މި 3 މީހުންވެސް ވަނީ ވަކީލަކު ބޭނުންވާކަމަށް ބުނެފަ އެވެ. އަދި ސިނގިރެޓް ކާޓަންތައް ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށްވެސް މި މީހުން ކޯޓުގައި ބުނެފައިވެ އެވެ.

