މެދުކެނޑުމެއްނެތި 6 މަސްދުވަހަށް ވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވިޔަފާރި އެހީ ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ބުނެއެވެ.
ވިޔަފާރި އެހީ ލޯނަށް މިހާރު މެދުކެނޑުމެއްނެތި 6 މަސް ދުވަހަށްވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަކަށް އެދެވޭނެ! pic.twitter.com/UtoxvDqNHr
— SME Development Finance Corporation (@SDFC_mv) April 28, 2025
އެސްޑީއެފްސީއިން ބުނީ ވީހާވެސް ގިނަ މީހުންނަށް އެފުރުޞަތު ދިނުމަށްކަމަށްޓަކައި ވޭތުވެދިޔަ 6 މަސްދުވަހު މެދުކެނޑުމެއްނެތި ވިޔަފާރުކުރަމުންދާ ކޮންމެ ފަރާތަކަށްވެސް މި ލޯނަށް އެދި ހުށަހެޅޭނެ ގޮތަށް ބަދަލުކޮށްފައިވާކަމަށާއި، މީގެ ކުރިން މި ލޯނަށް އެދި ހުށަހެޅޭނީ ވޭތުވެދިޔަ 1 އަހަރު ދުވަސްވަންދެން މެދުކެނޑުމެއްނެތި ވިޔަފާރުކުރަމުންދާ ފަރާތްތަކަށް ކަމަށެވެ.
އެސްޑީއެފްސީން ދޫކުރާ ލޯނުގެ އެންމެ ބޮޑު އަދަދަކީ 1.5 މިލިއަން ރުފިޔާއެވެ. 7 ލައްކަ އަށްވުރެ މަތީގެ އަދަދެއް ލޯނުގެ ގޮތުގައި ނަގާނަމަ ރަހުނު ބަހައްޓަން ޖެހޭނެ އެވެ. އެސްޑީއެފްސީގެ ލޯނަށް އެ ކޯޕަރޭޝަނުގެ "ވިޔަފާރި އެހީ" ލޯނަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމުވެސް އެ ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
އެސްޑީއެފްސީން ދޫކުރާ "ވިޔަފާރި އެހީ" ލޯނުގެ އިންޓަރެސްޓް ރޭޓަކީ 9.5 އިންސައްތައެވޗެ. އަދި އެ ލޯނު ނަގާ ފަރާތްތަކަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑް އަކާއި، ލޯނު އަނބުރާ ދައްކަން ގިނަވެގެން 5 އަހަރު ލިބޭނެ އެވެ.

