އެސްޓީއޯގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ކުންފުންޏަށް 4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯގެ ފުރަތަމަ ކުއާޓަރ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަހުގައި އެ ކުންފުންޏަށް ޖުމްލަ 4.02 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު 3.84 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.6 ޕަސެންޓުގެ އިތުރު އަދަދެކެވެ.
ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ ފައިދާ ވަނީ ދަށްވެފަ އެވެ. މި ގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 617 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާ ލިބުނު އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 583 މިލިއަން ރުފިޔާ އެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 263 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވެސް 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާއާއި 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު 169 މިލިއަން ރުފިޔާ އަކީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓު ދަށް އަދަދެކެވެ.
އެސްޓީއޯއަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެވެ. އެގޮތުން އެސްޓީއޯގެ ދަށުން، ރާއްޖެއަށް ތެޔޮ އެތެރެކުރާ ފިއުލް ސްޕަލައި މޯލްޑިވްސް (އެފްއެސްއެމް) ހިންގާއިރު، ގޭސް ކުންފުނި، މޯލްޑިވް ގޭސްވެސް ހިިންގަނީ އެސްޓީއޯގެ ކުޑައިގެ ދަށުންނެވެ. އޭގެއިތުރުން އެލައިޑް އިންޝިއުރެންސްގެ މައި ކުންފުންޏަކީވެސް އެސްޓީއޯ އެވެ. އޭގެއިތުރުން ދިވެހި ދައުލަތުގެ ސިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިންގވެސް ހިންގަނީ އެސްޓީއޯ އިންނެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް ކަމުގައިވާ، ކާޑުގެ ބާވްތަތަކާއި، ބޭހުގެ ބާވަތްތަކުން ފެށިގެން ސިމެންތި އުފެއްދުމާއި ކޮންސްޓްރަކްޝަން ދާއިރާގެ ތަކެތި އެތެރެކޮށް ވިއްކުމުގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް އެސްޓީއޯ އިން ކުރެ އެވެ.
އެ ކުންފުނިން އެންމެފަހުން ފެށި ބޮޑު ވިިޔަފާރިއަކީ، ބަންކަރިނގެ ހިދުމަތް ދިނުމެވެ. އެ މަސައްކަތް ކުރަނީ ދައުލަތުގެ ގިނަ ކުންފުނިތަކެއް ގުޅިގެން، އެސްޓީއޯ މައި ކުންފުންޏެއްގެ ގޮތުގައި އޮވެ އެވެ.

