ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އިން 100 މިލިއަން ރުފިޔާ މަދުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
އެމްއެމްއޭ 2024 ވަނަ އަހަރުގެ ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި މިދިޔަ އަހަރު ދައުރުވެފައިވަނީ 59.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 2023 ވަނަ އަހަރު ނިމުނު އިރު 59.2 ބިލިއަން ރުފިޔާ އިގްތިސާދުގައި ދައުރުވާ ކަމަށް ރެކޯޑު ކޮށްފައި ވެއެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ވެސް ދައުރުވި ފައިސާގެ މިންވަރު ހަ ޕަސެންޓަށް އިތުރުވި އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވީ އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމާ ގުޅިގެން ނެޓް ފޮރިން އެސެޓު ދަށްވުމުންނެވެ. ނެޓް ފޮރިން އެސެޓު ވަނީ 31 ޕަސެންޓަށް ދަށްވެފަ އެވެ.

